މީގެ 100 އަހަރު ފަހުން ރާއްޖެ ދާނީ ކަނޑުގެ އެތައްހާސް ފޫޓެއްގެ އަޑިޔަށް ނޫންބާވައެވެ؟ 
ކަނޑުގެ އެތައްހާސް ފޫޓެއްގެ އަޑ

އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަކީ ކޮންމެ މީހަކަށް ވެސް އެނގޭނެ ފަދައިން ވެށްޓެވެ. ވެށްޓެއް ނެތްތަނެއްގައި ދިރުމެއް ނުވާނޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ވެށްޓަކީ އޭގައި އެތަކެއް ދިރުންތަކެއް ދިރިއުޅެމުން ދާ ތަނެއް ކަމުގައި ވާތީއެވެ.

ރަނގަޅު ސާފު ވެށްޓެއް ނެތްނަމަ އެއީ ޤައުމެއް ނެތިދިޔުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކެވެ. ވެށި ޙިމާޔަތް ކުރެވޭނީ ނުވަތަ އެހެންވެސް ތަނެއް ޙިމާޔަތްކުރެވޭނީ ހަމަ އެތަނެއްގެ ވެރި، އެތަނެއްގައި ދިރިއުޅޭމީހުންނަށެވެ. ހަމަ މި ބީދައިން ދިވެހި ވެށި ޙިމާޔަތް ކޮށް ދެމެހެއްޓޭނީވެސް މިރަންހާރުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކުގެ މީހުނަށެވެ. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑުމެން އުޅޭ ކޮޓަރިތަކަށް ބަލައިލަމާތޯ އެވެ؟ އަޅުގަނޑުމެން އެތަނަށް ކުނި އެޅީމާ ހަމަ އެ ކުނި ކޮޅު ގިނަފަހަރަށް ނަގަންޖެެހިފައި އޮންނަނީ ޚުދު ތިމާއެވެ. 

މިއަދު ދުނިޔޭގެ ސައިންސްވެރިން ކަންބޮޑުވާ އެންމެ ބޮޑު އެއްމައްސަލައަކީ ތިމާވެށީގެ މައްސަލައެވެ. ސަބަބަކަށް ވަނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައިވާ ޤުދުރަތީ ބޮޑެތި މައްސަލަތަކެވެ. ޖައްވު ހޫނުވުމާއި އޯޒޯން ފަށަލަ ތުނިވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ބޮޑެތި މައްސަލަތަކެވެ. މީގެ ހިތި ރަހަ ވަނީ ދިވެހީންނާ ވެސް ކުރިމަތިލާން ޖެހިފައެވެ. ރާއްޖެތޭރޭގެ ބައެއް ރަށްރަށުގެ ރައްޔިތުން މިވަނީ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ކަރުނަޔާއެކު އެހެން ރަށްރަށް ހިިޖުރަކުރަންޖެހިފައެވެ. އެހެންކަމުން މިގޮތަށް ކަންތައްތައް ދިގުލައިގެން ހިނގައްޖެނަމަ ރާއްޖޭގެ އާބާދީގެ ބޮޑުބައި ހިއްސާ ކުރާ އަތޮޅުތަކުގެ މީހުން ހަމަ ޔަޤީނުންވެސް ބަދަލުކުރާނެ ތަނެއް ނު އޮންނާނެއެވެ. 

ދިވެހިރާއްޖޭގެ ވެށްޓަކީ ވަރަށްވެސް ނާޒުކު ވެށްޓެކެވެ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ޖޯގްރަފިކަލް ގޮތުން ދުނިޔޭގެ މެދުގައި އަދި ހަމައެހެންމެ ރަށްތައް އެތުރިފައިވާ ގޮތުންނެވެ. ނަމަވެސް މި ކަމުން އަޅުގަނޑުމެންނަށް ފައިދާއެއްވެސް ލިބެއެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ ބޭރުގެ އެހެނިހެން ޤައުމުތަކާ ޚިލާފަށް މޫސުމީ ތަފާތުވުމެއް ނެތުމެވެ. މީގެ ބަދަލުގައި އަޅުގަނޑުމެން ކޮންމެ އަހަރަކު ކުރިމަތިލާން ޖެހެނީ އެންމެ ދެ މޫސުމާއެވެ. ވިއްސާރަކުރާ މޫސުމަކާއި ހޫނު މޫސުމެކެވެ. ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތައް ޙައްލުކުރެވޭނީ އަޅުގަނޑުމެން ދިވެހިން އެއް ރޫޙެއްގައި މަސައްކަތްކޮށްގެންނެވެ. އެ ކަންތައްތައް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. މިގޮތުން ބަލާލާއިރު ކުނި މެނޭޖްކުރުމަކީވެސް ވަރަށް ބޭނުންތެރިކަމެކެވެ. ކުނި ނައްތާލުމުގެ ހަރުދަނާ ޤަވާޢިދެއް ނެތްނަމަ މިއީ ވަރަށް ވެސް ބޮޑުކަމަކަށް ވެދާނެއެވެ. ވީމާ އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލުން ވަރަށް ވެސް ބޭނުމެވެ. ޖައްވު ނުސާފުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭރުގެ ޞިނާޢީ ކާރުޚާނާތަކުން ދޫކުރާ ވިހަ ދުމެވެ. 

އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ކާރުޚާނާއެއް ނެތް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މި ރޮނގުންވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ އެ ފަދަ ޤައުމުތަކަށް އެކަން ހުއްޓުވުމަށްޓަކައި ބާރުއެޅިދާނެއެވެ. ނޫނީ އެމީހުންނަށް އެކަން ހުއްޓުވުގައި އެހީތެރިވެ ހިތްވަރުދެވިދާނެއެވެ. ދުއްވާ ތަކެތިން ބޭރުކުރާ ދުމަކީވެސް ވަރަށް ނުރައްކާތެރި ދުމެކެވެ. މިކަމަކީ މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މިކަން އަތޮޅުތަކަށްވުރެން ބޮޑަށް ފާހަގަކުރެވޭނީ ވެރިރަށް މާލެއިންނެވެ. އަޅުގަނޑު ދަންނަވާލަން އޮތްހާވެސް ވާހަކަޔަކީ އަޅުގަނޑުމެންގެ ރާއްޖެއަށް އެއްވެސް ދުއްވާއެއްޗެއް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މަދު ރަށެއް މެނުވީ ރަށުގެ ދެ ކޮޅު ނުފެންނަ ރަށެއް ނުއޮންނާތީއެވެ. ކޮންމެއަކަސް މިއީ މިއަދު އަޅުގަނޑުމެންގެ އާދަތައް ހުރިނެތްގޮތް ބައްލަވާށެވެ. އަޅުގަނޑުމެން ކައިރީގައި ހުންނަ ތަނަކަށްވެސް ދަނީ ދުއްވާއެއްޗެއްގައެވެ. 

މިއީ އަޅުގަނޑުމެން ހިތާމަކުރަން ވެއްޖެކަމެކެވެ. އަޅުގަނޑުމެންގެ އާދަތައް ހުންނަގޮތުން ބައެއް ފަހަރަށް ފަޅުފަޅުން ވެލިނަގައި ހެދުމަކީވެސް ވަރަށް ޢާއްމުކަމެކެވެ. އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ ކުޑަ ކުޑަ ވެލިކޮޅެއް އުފެދެންވެސް 1000 ވުރެ ގިނަދުވަސް ނަގާވާހަކަ އެވެ. އާދެ މިއީ އިންސާނީ ދަރިފަސްކޮޅުގެ 10 ޖީލް އުފަންވެ ދިރިއުޅެ ނެތި ފަނާވާހަކަ ދުވަހެވެ. މިއީ އަޅުގަނޑު ހެދި ދިރަސާއެއް ކަމުގައި ނުވިޔަސް، މިއީ ކުޅަދާނަ ސައިންސްވެރިން ހޯދާ ބަލައިފައިވާ ކަންތައްތަކެވެ. މިފަދަ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ހުންނަނަމަ މީގެ 100 އަހަރުފަހުން ރާއްޖެދާނީ ކަނޑުގެ އެތައްހާސް ފޫޓެއްގެ އަޑިޔަށް ނޫންބާވައެވެ؟ އޭރުން އެވީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނަށް ފޯރުކޮށްދިން އަގުހުރި ތަރިކަ އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަގައި އަޅުގަނޑު މެންނަށް ވެވުނު ހަމަ އެކަނި ކަމަކީ އެ އަމާނާތަށް ޚިޔާނާތްތެރިވުމެވެ. ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ރޮނގުންވެސް މިވަނީ ވަރަށް ކުރިއަރައިފައެވެ. ވަކީން ޚާއްޞަކޮށް ފަރުތަކާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުންނެވެ. 

އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވާލަން ބޭނުންވަނީ މިއަދު އަޅުގަނޑުމެންގެ ފަރުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ފަތުރުވެރިކަން ދަށަށް ދާން ފަށައިފި ވާހަކަ އެވެ. އޭރުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިމިވާ ޝަރަފާއި ޤަދަރު އަޅުގަނޑުމެންގެ އަތުން ބީވެގެން ދިޔައީއެވެ. މިއަދު އަޅުގަނޑުމެންގެ ތިމާވެށްޓަށް ލިބިމުންދާ ގެއްލުންތަކުގެ ސަބަބުން އަސަރު ނުފޯރަނީ ފަހެ ކޮން ރޮނގަކުން ބާވައޭ އަޅުގަނޑުގެ ހިތަށް ވެރިވެގަނެއެވެ. މިކަން މިގޮތަށް ހިނގައްޖެނަމަ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ވަޠަން ދޫކޮށްފައި ދާންޖެހޭނީ ތިމާވެށީގެ ރެފިއުޖީންގެ ގޮތުގައި އެހެން ކޮންމެވެސް ޤައުމަކަށެވެ. އޭރުން އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތަށް ބުރު އަރައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ބަލިކަށިވެދާނެއެވެ. އެހެން ކަމުން އަޅުގަނޑުގެ މިލިޔުންކޮޅު ނިންމާލާނީވެސް  އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް ގޮވާލަމުންނެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް