ތެއްލިފަތްތަ؟ ތެލުލިފަތްތަ؟
ތެއްލިފަތް ނުވަތަ ތެލުލިފަތް

ތެއްލިފަތް ނުވަތަ ތެލުލިފަތް މިދެގޮތަށް ލިޔުމުގައްޔާއި ކިޔުމުގައި ބޭނުންކުރާތީ އޮޅުން އަރައި، ސުވާލު އުފެދުނެވެ. ރަނގަޅު ގޮތަކީ ކޮބައިބާވައޭ، ހިތަށް އަރައިފޫއެވެ. މިސުވާލުގެ ޖަވާބު ހޯދާލުމަށް ދިބެހިބަހުގެ އެކަޑެމީގެ ރައީސް އުސްތާޒު އަޝްރަފު ޢަލީއާ ވައިބަރ އިން މެސެޖުކޮށްފީމެވެ. 

ޖަވާބުގައި އަޝްރަފު ވިދާޅުވީ، ދެގޮތް ވެސް ރަނގަޅު ކަމަށެވެ. ރަދީފުން ވެސް ދެގޮތަށަ ފެންނާން އެބަހުރި ކަމަށެވެ. ދެން އެއަށްފަހު ވަރުވަރުން ހޯދީ "ތެއްލި" ކިޔަނީ ކީއްވެތޯއެވެ؟ މިގޮތަށް ލިޔަނީ ކީއްވެތޯއެވެ؟ ހަގީގަތުގައި ތެލުލިގެ ބަދަލުގައި "ތެއްލި" ބޭނުންކުރާ ސަބަބު އަޅުގަނޑަށް މިހާރު އެނގިއްޖެއެވެ!

ދަންނަވަންތޯއެވެ! "ތެޔޮ" އަދި "ލުން" މިއީ ދެ ލަފުޒެކެވެ. އެހެންކަމުން އެއްޗެއް ތެލަށް ލައިފި ނަމަ ކިޔާ އުޅެނީ "ތެލުލި މިވެނި އެއްޗެއް" މިހެންނެވެ. އަނެއް ގޮތަކީ "ތެއްލި" މިވެނި އެއްޗެކެވެ. އެއްވަތަރުގެ ދެއަޑު ފައްތަރުވާއިރުގައި އެއްއަކުރު "އް"އަށް ބަދަލުކޮށް ކިޔައި އަދި ލިޔެ އުޅެއެވެ. މިސާލަކަށް "ތެލުލި" ކިޔާއިރުގައި ދެލާމު ޖެހިޖެހިގެން އެބައާދެއެވެ. މިހާލަތުގައި އެއްވަތަރުގެ ދެއަޑު ފައްތަރުވަނީއެވެ. އެއީ "ލުލި"އެވެ. އެހެންކަމުން ފުރަތަމަ އޮތް "ލ" އަލިފު ސުކުނަކަށް (އް) ބަދަލުކުރަނީއެވެ. އެހެންވީމަ ކިޔެނީ "ތެއްލި"އެވެ. ހަމަ މިގޮތަށް "ކަތީބުބެ" ކިޔާއިރުވެސް ދެ "ބ" އެބަ ފައްތަރުވެއެވެ. އެހެންކަމުން އަހަރެމެންނަށް "ކަތީއްބެ" ކިޔިދާނެއެވެ. އަދި ލިޔެވިވެސްދާނެއެވެ. 

ކޮއްމެއަކަސް ފަހުމުވާނެ ވަރަށް ބުނެދެވިއްޖެ ކަމަށް އުއްމީދުކުރަމެވެ. ދެގޮތް ވެސް ރަނގަޅެވެ. ތެލުލިކެއު ނޫނީ ތެއްލިކޭލެވެ. ތެލުލި މަސް ނޫނީ ތެއްލި މަހެވެ. ކަތީއްބެ ނޫނީ ކަތީބުބެއެވެ. މިގޮތަށް އަދިވެސް އެތަކެއް ލަފުޒެއް އޮންނާނެއެވެ. އަދި، މިކަހަލަ ކޮއްމެ ލަފުޒެއް ވެސް ދެގޮތަށް ބޭނުން ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް