ރާއްޖެ: އަހުރެން ދުއް ދިވެހިރާއްޖެ (3)
ރާއްޖޭގެ ރަށެއް

ކުޑައިރުގެ ހަނދާންތަކުން ހާދަ ވާހަކަ އެއް އެބަބުނެދެއެވެ. ފަނުން ހަދާފައި ހުރި ގެއެކެވެ. ގެ ހަނދާނަށް އަންނައިރު ފުރާޅުގައި ޓިނު ހުރެއެވެ. މަގުމަތީ ފާރު ހުރީ ތެޅިގަލުން ނާއި އުވައިން ރާނާފައެވެ. ގެ އިންނަނީ 3 ބަޔަކަށެވެ. ބޭރު ފެންޑާއެކެވެ. މައިގެ އެވެ. ކޮޓެރި އެކެވެ.

ފެންޑާގައި ހުންނަނީ ނިކަން ބާރަށް ހެއްލޭ އުދޯއްޔެކެވެ. މައިގޭގައި ބޮޑު އައްޓެކެވެ. މަޅުއަޅާފައެވެ. މިއަށި ހުންނަނީ ގާތް ގަޑަކަށް މައިގޭގެ ދިގުމިނަށެވެ. ބޭރު ފާރާ ކައިރީގައެވެ. ގޭގެ ދިގުމިނަށް  އަދި އިތުރު އެއް އެނދެވެ. މިއައްޓަކީ މަޅުއަޅާ ކުނާ އަޅާފައި ހުންނަ ވަރުގަދަ އައްޓެކެވެ. ފެންޑާއާ ވީ ފަރާތު ބިތްކައިރީގައި ހުންނަނީ ބޮޑު އެނދެއް ބަހައްޓާފައެވެ.  މިއީ ވަރަށް ރީތިކޮށް ތަންމަތިއަޅާ އަޅައިގެން މަންމަ ބަލަހައްޓާ އެނެދެކެވެ. ބައްޕައަށް ޚާއްޞަ އެނދަކާ ވައްތަރެވެ. ދުވާލުގެ ވަގުތު ތަކުގެ ބައްޕަ މިއެނދުގައި އޮށޯވެ އުޅުއްވައެވެ.  މަންމަ ބައެއްފަހަރަށް ބައްޕަ ގާތުގައި އެނދުގައި މަގަތުގައި އިށީންނަވައެވެ. އަހުރެމެންނަކަށް އެނދު މަނަލެއް ނޫނެވެ. އެކަމަކު އެއެނދުގައި އެއްކުއްޖަކުވެސް އޮށޯވެ ނުހަދައެވެ. 

މިއެނދު ހުންނަނީ ރުކުގެ ވަކަރުން ފަތް ނުވަތަ ފަޑި ހަދާފައެވެ. ނިކަން ވަރުގަދަޔަށް ރޯނު ފުރާފައެވެ. އެނދުގެ ބޮޑުމިނަށް ސާނތި އަޅާފައެވެ. ފެންޑާއަށް ވަންނާކަށް ތަޅުލެވޭގޮތަށް ދޮރެއްނުހުރެއެވެ. ފެންޑާއާއި މައިގެއަކީ ވަރަށް ތަނަވަސްކޮށް އޮންނަ ދެތަނެވެ.  

ބޭރުގައި މިހުންނަ އުދޯއްޔާއި މެދު ވިސްނާލެވުނެވެ.  އަހުރެމެން އަބދުވެސް އުދޯލި ހެއްލަން އުޅެމެވެ. އަވަށްޓެރި ކުދިންނާއި އެކުގައެވެ. އަހުރެމެން ނެތަސް ބައެއްފަހަރަށް ކައިރިގޭގޭގެ ކުދިންވެސް އުދޯލި ހެއްލާލަން ތިބެތެވެ. މި އުނދޯލީގެސަބަބުން ގެ ވަރަށް ރަނަގަޅަށް ގެ ބެލެހެއްޓެއެވެ.

އުނދޯލީގައި ތިބޭ އިރު ވަރަށް ލަވަ ކިޔަތެވެ. މިލަވަތަކުގެ ތެރެއިން ގިނަ ލަވަތަކަކީ، މިހާރުވެސް ބުކް ޝޮޕްތަކުގައި ވިއްކަން ހުންނަ އެއްކޮށްލި ބާގައިގެ ޅެންތަކެވެ. މިޅެންތައް އަހުރެމެންނަށް ދަސްވަނީ އަހުރެމެން ނިންދަވަން މަންމަ ނުވަތަ ދައްތަމެން އުދޯއްޔަށް އަރާ އެމީހުންގެ ތޫލި އަޑުތަކުން އަޑުގެ ކޮޅަށް ލަވައެއްގޮތަށް ޅެންތައް ކިޔާތީ އެވެ. ޢުމުރުން 60 ން މަތިވެގެން ދިޔައިރުވެސް ބައިތެއް ދެބައިތެއްވަރު ހަދާން ނެތުނަސް ޖުމްލަކޮށް ހަދާން އެބަހުއްޓެވެ. ކުދިން ނިން ދެވުމަށް ހުރިހާ ގެއެއްގައިވެސް ކިޔާނީ މިފަދަ ޅެންތައް ލަވަޔަކަށް ވާގޮތަށެވެ.

މި ގޮތަށް މަންމަމެން ދައްތަމެ ކިޔާ ޅެން، ލަވަތަކަކީ، ދަރިންގެ ތަރުބިއްޔަތުގެ މައްޗަށް ހެދިފައިވާ އެއްޗިއްސެވެ. މިކަމުގެ ސަބަބުން ކުދި ބޮޑު އެންމެނަށް ނަސޭހަތެއް މީހަކު ނުދިން ނަމަވެސް، ހަރުދަނާ ތަރުބިއްޔަތެއްގެ ބިންގާ އޮންނަނީ އެޅިފައެވެ. މުޅި ޙަޔާތް އަހުރެމެންނަށް މި ވޭތި ކުރެވެނީ އެތަރުބިއްޔަތުގެ މަތީގައެވެ. މިސާލަކަށް ޅެންބައިތެއް ނަގަމާ ހިގާށެވެ.

" ލަދެއްނެތި އަތްދިމާ ކުރުމީ، ތިމާގެ އެދުންތަކާ މެދުގައި،

ހިނގާގޮސް އަނެކަކުގެ ގާތަށް ކަމެއްތޯ  ހުތުރު ނުވެ ދާނީ."

މިފަދަ ގިނަ ޅެންބައިތުގެ ސަބަބުން ކެތްތެރި ޙާލަތުގައި ދިރިއުޅެން އަހުރެމެން ދިވެހިންނަށް ވަނީ ދަސްވެފައެވެ. ނަތީޖާއަކީ ، ވަރަށް ފުދުންތެރި ބައެއްގެ ގޮތުގައި ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ފެންނަމުން ދިއުމެވެ. ވަލުތެރޭގައި ވެއްޓިފައި އޮންނަ ކާއްޓެއްވެސް، ވެއްޓިފައި އޮއްވާ، މީހަކު އޭ ކާށީގެ ވަށައިގެން ރޮނގެއް އަޅާލިނަމަވެސް، އެ ނަގާނެ މީހަކު ދެނެއް ނުވާނެއެވެ.

ކިހާ އުފާވެރި އަމާން ދިރި އުޅުމެއް ހެއްޔެވެ. ފަނުން ހަދާފައި ހުންނަ ފެންޑާގެ ދޮރު ލައްޕާނީ ރޭގަނޑު ބައްޕައާއި މަންމަ ނިދިކުރައްވަން ވީމައެވެ. ފަތިހުގެ ހާލާއި އެކު ދޮރުހުޅުވޭނެއެވެ. ގިނަ ދޮރުތަކުގައި ހުންނާނީ އެތެރެއިން އަޅުވާލާ ބުޅިގަނޑެކެވެ.

މިއަދު އަހުރެމެން މިއުޅެނީ، ދަގަނޑު ދޮރުތަކުގައި ބޮޑުތަޅު އަޅުވައިގެންނެވެ. ދަނގަނޑު ދައު ޖަހައިގެންނެވެ. ކޯޑުނަންބަރުން ހުޅުވޭ ތަޅުލައިގެން، ބެލްޖަހައިގެން ، ކެމެރާއިން ބަލައިގެން .އަބަދު ކޮޓެރި ތައް ތަޅުލައިގެންނެވެ. ޤައުމުގެ ބޮޑުއާބާދީ އަކީ ކިޔަވައިގެން ތިބި މިހުންނަށް ވާއިރުވެސް މެއެވެ.

އެކަމަކު މި އަޅައި ކިއުމުން މިހާބޮޑު ތަފާތެއް މިފެންނަނީ ކީއްވެ ބާވައެވެ. ޖަވާބު ވަރަށް ކުރެވެ. ޖަޒީރާ ރާއްޖޭގެ އެ "އުނދޯލި ފެންޑާ" ތައް ގެ ތަކުން ގެއްލި ދިއުމެވެ. އުނދޯލި ފެންޑަ ތަކާއި އެކު ބޮޑެތި ކުރެވޭ ދަރިންގެ ތަރުބިއްޔަތުވެސް ނެތި ދިޔައީ އެވެ. ތަޢްލީމްގައި އެ ތަރުބިއްޔަތު ނެތީ އެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް