ޖަޒީރާ ރާއްޖެ: އަހުރެން ދުއް ދިވެހިރާއްޖެ (2)

 

 

Island | Maldives

އަހުރެންނަކީ ކާކު ހެއްޔެވެ!؟ މިއީ ކުޑައިރުގެ ހަދާންތައް އާވާހިސާބުން ފެށިގެން  މިއަދުވެސް ސިކުނޑީގައި އިންނަ ސުއާލެކެވެ. މި ސުއާލަށް ވިސްނަން ފެށުމުން ހަނދާނަށް އަންނަނީ، ޅައިރުގެ ހަނދާންތަކެކެވެ.

އެއީ އުފަންރަށް ނައިފަރުގެ ހަނދާންތަކެވެ. އެއީ ޅައިރުގެ އެކުވެރިންގެ ގޮތުގައި އުޅުނު މިއަދުގެ ކުދިންގެ ކާފަ، މުނިކާފައިންގެ ޅައިރުގެ ހަނދާންތަކެވެ. ދަރިފުޅަށް އަބަދުވެސް ފާރަވެރިވާ ލޮބުވެތި މަންމައެއްގެ ވާހަކަ އެވެ. މަޑުމައިތިރި، ބައްޕައެކެވެ. ރާއްޖޭގެ ބިމުގެ މުއްސަނދިކަން، އަހުރެންގެ ކަރުތެރެއިން،ފިލައިދިއުމަށް މާމަ ފުރު ޞަތެއް ނުދެއްވައެވެ.  ބިންބި ފުށުގެ ކެއުންތަކާއި ވަޅޯމަހާއި ކަށިކޭލު ބަތްޕެނާއި، ފުފޫ ފަޅޮލުމުރުއްބާ ފަދަ ފޮނި ކާތަކެއްޗާއި، ފެނުކެއްކިކަނޑުލާއި ހިތްތަލަފުށް ފަދަތަކެތީގެ ބަވަތްތައް ގުޅިފައި ވަނީ މާމަގެ ހަނދާން ތަކާއެވެ. ބުނުއްވާކަހަލައެވެ. " ދަރިފުޅާއެވެ. ދިވެހިރާއްޖެ، މި ޖަޒީރާ ރާއްޖެ، ތިބާއަށް ފުދޭނެއެވެ. ޝުކުރުވެރިވާން ދަސްކުރާށެވެ."   

މަދަރުސާގައި ހޭދަކުރާ ވަގުތު ކޮޅަށްފަހު އާދެވެނީ ހުޅަގުފަރާތުގައި އޮންނަ މިޖަޒީރާ ރަށް ނައިފަރުގެ ކުރެދިފަލަށެވެ. އެއީ ބޮޑުދިޔައިގައި ގޮނޑުދޮށަށް ބީއްސާ ކުދިރާޅުތަކާ ގުޅިފައިވާ ކުރެދިގަސްތަކުގެ ހަނދާނެވެ. ގޮނޑު ދޮށަށް މަޑުމަޑުން ބީއްސާ ރާޅުތަކުގެ ހިމޭން އަޑެވެ. ފެތުރިފައިވާ  ފުޅާ، މޫދުގެ ބޮޑު ލޮނު ގަނަޑަށް އިރުގެ ދޯދިން އެ އުފައްދާދީފައި ހުންނަ ވިދުވަރެވެ. ރާޅުމުގުރާހިސާބުން ކަނޑުން ފަޅުން ގުޅިގެން އައިސް ހަށިގަނޑުގައި އެ ބީއްސާލާ  ނަލަ ތާޒާ ވައިން،އެކަނިމާ އެކަނި އެ ގޮނޑު ދޮށުގައި އުޅޭ އުޅުމަށް ފޫހިކަމެއް ނުގެނެސް ދެއެވެ. އެކަނި ވެރިކަމުގެ އިޙްސާސެއް ނުހުރެއެވެ. ހީވަނީ ޤުދްރަތީ ރީތި ކަމުގެ ތެރެއިން އުފެދިފައިވާ ބަޔަކާއި އެކު ދިރިއުޅޭ ހެންނެވެ.

ދިގު ކުރެދިފަލުގެ ތެރޭގައި،ބީއްސަމުންދާ ގޮނޑުދޮށުގެ ރާޅުގެ ލޮނުން ފައި ތެންމައިގެން އެއްއޮފިގަނޑުން އަނެއް އޮފިގަނަޑަށް، އެއްގަހުން އަނެއްގަހަށް ފުއްމަމުން އެލެމުން ދާއިރު، މެންދުރަށް، ހަވީރަށް ވެގެންދާކަން އިހްސާސްކުރެވެނީ ނަމާދަށް ގޮވާ ބަންގީގެ އަޑުންނެވެ.

މިކިޔާދެވެނީ، ޚިޔާލި ފޮލާތަކެއްގެ ވާހަކައެއް ނޫނެވެ. ޢުމުރުން 8 އަހަރުގެ ކުރީގައި ދިރިއުޅެމުން ދިޔަ ހަނދާން ނައްތާ ނުލެވުނު އުފާވެރި މާޙައުލުގެ ވާހަކަ އެވެ. މިއީ  އަހުރެންގެ ވާހަކަ އަށް ވިޔަސް، މިއީ ނ.އަތޮޅުގެ ޖަޒީރާ ރަށްތަކުގައިވެސް އަދި އެހެން ޖަޒީރާ ރަށްތަކުގައިވެސް  ދިރިއުޅެފައިވާ އުޅެމުންދާ  މީހުންގެ ވާހަކައެވެ. ކޮންމެ މީހެއްގެ ހަދާންތައް، ތަޖުރިބާތައް ގުޅިފައިވާނީ މިފަދަ ރީތި ޤުދްރަތީ މާހައުލަކާއެވެ.  

މި މާޙައުލަކީ  ޕްރޮޖެކްޓްތަކެއް ބަޔަކަށް ދީގެން ، ޚަރަދުތަކެއް ކޮށްގެން އަހުރެމެން އުފެއްދި މާޙައުލެއްނޫނެވެ. އަހުރެމެން ހެއްދެވި ފަރާތުން ، އަހުރެމެން ދިރިއުޅުމަށް ލެއްވި ފުރިހަމަ މާޙައުލެވެ. ޤުދަރަތުގެ ހަދޔާއެވެ. ޤުދްރަތުގެ ހަދިޔާއަށްވުރެ ފުރިހަމަ ހަދިޔާއެއް އޮންނާނެ ހެއްޔެވެ. ނޯންނާނެއެވެ.  

އަހުރެމެންގެ ޢިލްމާ ވިސްނުމާ ފިކުރުބިނާ ކުރަންވާނީ، މި މާޙައުލު ދެމެހެއްޓުމަށެވެ. ހަލާކުނުކޮށް ދިރިއުޅުމުގެ ހިތްހަމަ ޖެހުން ހޯދުމަށެވެ.  އަދި އަހުރެމެންގެ ދަރީންގެ ދަރީންނަށް ޤުދުރަތުގެ ފުރިހަމަ ރީތި ހަދިޔާގެ  ފުރިހަމަކަން ބުނެދީ ފޯރުކޮށްދިނުމަށެވެ.  

މާހައުލު ފަނާ ކުރާމީހަކަށް ތިބާނުވާށެވެ. ތިބާއަށްވެގެން އެހެން މީހަކަށްވެސް މާޙައުލު ހަލާކުރުމަށް ފުރުޞަތު ނުދޭށެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް