"ވެރޭ" މޫސުން!
Photo Credits: Abdhulla Abeedh

"ވެރޭ" މޫސުމޭ ބުނީމަ ގިނަ ބަޔެއްގެ މޫނު މައްޗަށް ނުލަފާ ހިންޏެއް އައުމަކީ ޔަޤީން ކަމެކެވެ. އެކަމުގައި އަޅުގަނޑުގެ ފަރުވާލެއް ނެތެވެ. ބަހުގެ ހަމަތަކުގެ މަތިން ލިޔުމަކީ ގޯހެއް ނޫނެވެ. އަދި ކިއެއްތަ މީހަކު މާނަ ނަގާފާނެ ގޮތަކަށް އަޅުގަނޑު ވިސްނާކަށް ނުވެސް ޖެހެއެވެ.

މިވީ ދެތިން ދުވަހު ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެނުނީ ކޮންމެވެސް އެޗެއް ވެއްޓި މީހަކަށް އަނިޔާވި ޚަބަރެވެ. ލިޔުމުގެ ސުރުޙީގައި "ވެރޭ މޫސުން" ޖެހީ އެކަމާ ގުޅުވާފައެވެ. ހަދަމުންދާ އިމާރާތެއް މަތިން ހޮޅިދަނޑިއެއް ވެއްޓިއްޖެއެވެ. މީހުން ދިރިއުޅޭ ގެއެއްގެ މަތިން ކަޓިން ބޯޑެއް ވެސް ވެއްޓިއްޖެއެވެ. އަދި ނުވިތާކަށް އެހެން އިމާރާތަކުން ބޭލި ކުނި ކޮތަޅެއްވެސް މީހެއްގެ ގައިގާ ޖެހިއްޖެއެވެ. ދަގަނޑު ރިންގއެއް ވެއްޓި ސުކޫލު ކުއްޖެއްގެ ކަރަށް ވެސް އެއްފަހަރު މެހިއްޖެ އެވެ. އެއްޗެހި ވެރި، ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައްވަނީ ވެފައެވެ. 

ކޮއްމެއަކަސް އިމާރާތްތަކުގެ މަތިން އެއްޗެހި ވެރޭ މައްސަލައަކީ ދެރަ މައްސަލައެކެވެ. ދާދިފަހުން ސިމެންތި ބަސްތާއެއް ވެއްޓި މި ދުނިޔެ ދޫ ކުރީ އަވަށްޓެރި ޤައުމެއްގެ ކުޑަކުޑަ ކުއްޖެކެވެ. މާދަމާ އިމާރާތަކުން އެއްޗެއް ވެއްޓޭނީ އަހަރުމެންގެ ތެރެއިން ކާކުގެ ބޮލަށް ބާއެވެ؟ ފުރާނަ ދާނީ ކާކުގެ ބާއެވެ؟

މިއަދު މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުން މިވަނީ ބިރުވެރި ކަމަށް ވެފައެވެ. ހަމަޖެހިލައިގެން ރައްކާތެެރިކަމާއެކު ދާން ބޭނުންވާ މަންޒިލަށް ދެވިދާނެ ކަމުގެ ޔަޤީން ކަމެއް ނެތެވެ. 

މިމައްސަލަ ހައްލުކުރަން އެބަޖެހެއެވެ. އެކަން ކުރެވޭނީ އެއްމެންވެސް ޒިންމާދާރު ވެގެނެވެ. ހަދަމުންދާ ގެއެއް ނަމަ، މަސައްކަތް ކުރާމީހުންނާއި، އިމާރާތުގެ ކައިރިން ހިނގާފައިދާ މީހުން މިކަމަށް ސަމާލުކަން ދޭން ޖެހެއެވެ.

ގެއަކުން އެއްޗެއް ތިރިކުރަންވާނީ ރަނގަޅަށް ބެލުމަށްފަހު އެއްމެ ރައްކާތެރި ގޮތަކަށެވެ. ހަދަމުންދާ އިމާރާތެއްގެ ދަށުން ނުވަތަ ކައިރިން ހިނގާބިނގާ ވުމަކީ ނުރައްކާތެރިކަމެއްކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކުމެ ދަންނާނެއެވެ. އެކަން އަންގައިދިނުމަށް ބަހައްޓާފައި ހުންނަ ބޯޑަށް އަޅައިލުމެއްނެތި އެތަންތަނުން ދަނީ އަހަރުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އެއްޗެއް ވެއްޓި ޖެހުނީމާ ގޯސްކުރާންވީ އަދިވެސް މަސައްކަތް ކުރާ މީހުން ހެއްޔެވެ؟

ބޯޑެއް އަދި ބަހައްޓައިލުމަކުން ނުފުދެއެވެ. އެތަނުގައި ސްޕަވައިޒަރަކު ހުންނާން ޖެހެއެވެ. ބޯޑު ހުރަސްކޮށް ކުއްޖަކު ނުވަތަ މީހަކު ވަންނަ ނަމަ އެކަން ހުއްޓުވަން ޖެހެއެވެ. 

އާއެކެވެ. ފަރުދީ ޒިންމާއަކީ ހައްލެވެ. ޒިންމާދާރު ބަޔަކަށްވެ، އެމީހެއްގެ ޒިންމާ އެމީހަކު އަދާކުރީމަ ނިމުނީއެވެ. އޭރުން މިފަދަ ނުރައްކާތަކާއި ހިތާމަވެރި ހާދިސާތަކުން އެންމެން ސަލާމަތް ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް