މާރިޔާގެ އިތުބާރުނެތް ކަމަށް ހުށަނާޅާ، ސޮއި ވެސް ހަމައެއް ނުވި!
މިނިސްޓަރ މާރިޔާ، ސިފައިންގެ ބޭކަލުންތަކަކާއެކު!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނިނަމަވެސް އެއީ ބޮޑު ދޮގެއްކަމަށާ އިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ލިބިފައިނުވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވަނީ މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކުރުމަށްޓަކައި މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނިކޮށް، ކުރެއްވި ޓަވީޓެއްގައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިނިސްޓަރު މާރިޔާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅި ލިޔުން ޓްވީޓް ކުރައްވާ މިނިސްޓަރު މަހުލޫފް ވިދާޅުވީ މިނިސްޓަރު މާރިޔާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅި ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއްކަމަށެވެ. މަހުލޫފް ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ހަމަ ކުރެވުނީ އެންމެ 14 މެންބަރުންގެ ސޮއިކަމަށެވެ.

މީގެ އިތުރުން، ވަޒީރެއް އިތުބާރުނެތްކަމަށް ހުށައަޅަން 42 މެންބަރުންގެ ސޮއި ބޭނުންވާގޮތަށް މަޖިލީހުގެ ގަވާއިދު ޕީޕީއެމުން ބަދަލުކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު މަހުލޫފް ވިދާޅުވީ އެދުވަހު ގަވާއިދު ބަދަލުކުރި މީހުން މިއަދު އެ ތިބީ އެބޮޑިވެސް ބޮއިގެންކަމަށެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް