އަހުރެން ދުއް ދިވެހިރާއްޖެ– ޖަޒީރާ ރާއްޖެ (1)
ރާއްޖޭގެ ރަށެއް.

ޢުމުރުން 60 އަހަރުން މަތި ވީ އެވެ. ޢުފަންވި ރަށަކީ ނައިފަރެވެ. ޢާއިލީ ގުޅުންތައް އަތޮޅުގެ ބައެއް ރަށްތަކާ ހުރި ނަމަވެސް، ނ. އަތޮޅަށް ނުދެވޭ ވާހަކަ ލަދުވެތިކަމާ އެކު ބުނެލަން ޖެހެއެވެ.

އެހެންނަމަވެސް، ނ. އަތޮޅުގެ ނޫހަކަށް ކޮލަމެއް ލިޔަން ފަށާހިތްވުން މީ ކުޑައުފަލެއް ނޫނެވެ. މި ކޮލަމް އަޅުގަނޑު އަމާޒުކުރާނީ އަޅުގަނޑުގެ ޙަޔާތުގައި ދިވެހި ރާއްޖެ ފެނި ސިފަވެގެންދާ ގޮތުގެ މައްޗަށެވެ. އެއީ އަހުރެން ދުއް ދިވެހިރާއްޖެ އެވެ. "ޖަޒީރާރާއްޖެ" އެވެ.

ހޭ ވެރިކަން ވެގެން އައިއިރު، އެއް އުމުރެއްގެ ގިނަކުދިންތަކެއް ވަށައިގެން ތިއްބެވެ. ޢާއިލާގެ މެމްބަރުންނާ އަވަށްޓެރީންގެ ގޮތުގައެވެ. އެކުވެރި މާހައުލެއްގައި އެއްގެއިން އަނެއްގެ އަށް، ދުވަމުން ފުމެމުން ކުޅެންގޮސް އުޅުނެވެ. ހަވީރުންފެށިގެން އިރު އޮއްސިގެން ދާގަޑިއަކީ، ނައިފަރުގެ ބޮޑުމަގާ ދިމާލުން ހުޅަގުފަރާތުގައި އޮންނަ ރުއްފަލު ތެރޭގައި އުޅޭގަޑިއެވެ. އުފަލަކަށް ވެފައި އޮންނަނީ، ރުކަށް އަރައި ތިބޭ ހޯނުމެރުމެވެ. އެކަކު އޭނާގެ އިސްކޮޅާ ހިސާބުން ރުކުގައި ބައްދާނެ އެވެ. ދެން އެހެން ކުދިންގެ ކަމަކީ، ހޯނެއް އިންތޯ ބަލާ ހޯނެއް އިންނަމަ ނިކަން ބާރަށް މަރަވަޅިން  ޖަހާ މަރާލުމެވެ.

މަރަވަޅިއަކީ، އޭރު ފައިވާނުގެ ބަދަލުގައި ، އެރުމަށް ލުއިލަކުޑިން ހަދާ،ފަހާފައި ހުންނަ ފޮތިވަދެއްޖަހާފައި ހުންނަ މިހާރުގެ ނަމަ، ޢާއްމުކޮށްއަރާ ފައިވާނެވެ. މިއީ ދިވެހިންގެ އުފެއްދުމެކެވެ. ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ދިރިއުޅޭމީހުން އަރަނީ އެރަށެއްގައި ހަދާ މަރަވަޅި އަށެވެ. ރީތި ކުލަ ކުލައިން ފޮތިވަދު ފަހާ އުޅެއެވެ. އޭރު މިތަކެތި ހަދާއުޅޭނީ ހިލޭ ސާބަހަށެވެ. އެކަން ކުރާމިހުންގެ ގާތުގައި ކޮންމެ ކުއްޖަކު ބުންޏަސް  އެކަން ކޮށްދޭނެއެވެ. ކޮންމެހެން ބައްޕަ ގޮވައިގެން މަންމަ ގޮވައިގެން އައިސް ބުނާކަށް ނުޖެހެއެވެ. އަގެއް ދޭކަށްވެސް ނުޖެހެއެވެ.  ދިވެހިރާއްޖެ-ޖަޒީރާއްޖޭ ގައި އަވަށްޓެރިކަމާ ޢާއިލީ ގުޅުންތައް އޮތީ މިފަދަ އެކުވެރި މާޙައުލެއްގައެވެ.

މަރަވަޅީގެ އަދި ވަރަށް ރީތި ވައްތަރެއް ހުއްޓެވެ. އެއީ އުއްޖެހު މަރަވަޅި އެވެ. އާދަކޮށް ނޭރިނަމަވެސް ކޮންމެ ކުޖެއްގެވެސް  އުއްޖެހި މަރަވަޅިއެއް ހުންނާނެއެވެ. ޢީދު ދުވަސްތަކަށް ބޮޑެތި ދުވަސްތަކަށް އުއްޖެހިމަރަވަޅި ފެންނަލެއް ގިނަވާނެއެވެ. މީގެ އުށަކީ ބައެއްރަށްރަށުގައި ލާޖަހާފައި ހުންނައެއްޗެކެވެ.

ދިވެހިރާއްޖެ - ޖަޒީރާރާއްޖޭގައި ، މި އުފެއްދުމާ އުފެއްދުންތެރިން  އާލާވާތަން ދެކެން ބޭނުން ވެއެވެ. މި އުފެއްދުމަށް ގެނެވޭ ހެޔޮ ބަދަލާއި އެކު. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވަގުތުން ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި މި ސަރވިސް  ދެވިދާނެއެވެ. ޖަޒީރާރާއްޖެގެ ހަދާން ފަތުރުވެރިޔާގެ ސިޓިންގރޫމް އިން މުޅި ޢުމުރަށްވެސް ފެންނަން ހުންނަ ގޮތެއްގައެވެ. ޢާއިލީ ތަރިކައަކަށްވެސް ބަދަލު ވެގެންދާ ގޮތަށެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް