"ހުޅުލޭ ބޮޑުމީހާ" މިހާރުވެސް އުޅޭ!
"ހުޅުލޭ ބޮޑުމީހާ"ގެ ފޮޓޯއެއް ނޫން.

ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ކަނރަންޓުގެ އަލިކަމެއް ފެއްނަން ނެތެވެ. ދުއްވަމުންދިޔަ ލޮރީ ކުރިމައްޗަށް ކުއްލިޔަކަށް ވެއްޓުނީ ބޮޑު ފުރާޅު ފަޅިއެކެވެ. ގަންނާން ކުރެއްވި ބިރުން ކުއްލިޔަކަށް ބުރަކި ޖައްސާލެވުނެވެ. ބިރުންް ހަންކެނޑިފައި އިން، އަހަރެން ލޮރީން ނުކުމެ ދުއްވައިގެންފީމެވެ. ރޮދީގައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފައިއަލުވާ އަހަރެން ވައްޓާލައިފިއެވެ. ހަމަ ވެއްޓުމާއެކު އުއްޑުންޖެހި ފަހަތަށް ފިރުކިގެންފީމެވެ. އެއްޗެއްގައި ލާގަތުމުން މީހާ ތުރުތުރު އަޅާ ގަތެވެ. ކުރަކި ބޮޑު ފައެކެވެ. ދެންވީ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ.

އެކަމަކު އެރޭގެ ހަނދާން އާވުމުން މިހާރު އަހަރެން ގާތަށް އަންނަނި ޒާތެއްގެ ހިންޏެކެވެ. ވަނީވެސް އެހެންތާއެވެ. އަހަންނަށް އެރޭ ފެނުނީ ހަންޑިއެއް ނޫނެވެ. "ހުޅުލޭ ބޮޑުމީހާ" އެއް ވެސް ނޫނެވެ. 

ފުރާޅު ވެއްޓުނީ ވައިގަދަކަމުންނެވެ. ދުވެފައި ދަނިކޮން އަޅައިގަތީ ޓާމިނަލްތެރެޔަށް ފެންފައިބާތީ ބަހައްޓާފައި ހުރި ބާލިދީއެއްގައެވެ. ފަހަތުން ލައިގަތީ ދަބަރު ޖަހާ ފީވެފައި ހުރި ދަނގަޑު ހޮޅިއެއްގައެވެ. ކުރާނީ ކީއްހެއްޔެވެ. ކުރިޔާ ކަމެއް ވިޔަސް އޭރު އޮންނާނީ "ހުޅުލޭ ބޮޑުމީހާ" ފެނިފައެވެ.

ދަންނަވަންތޯއެވެ. ހުޅުލޭގައި އަބަދުވެސް "ބޮޑުމީހާ" އުޅެއެވެ. ބޮޑުމީހަކު ނެތި، އެތަނުގައި ބޮޑު އެއާޕޯޓެއް ހިންގާނީ ކިހިނަކުން ހެއްޔެވެ؟ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު ބޮޑުމީހަކާ ނުލާ އެހާ ފުރިހަމައަށް ހިންގޭނެ ހެއްޔެވެ؟

މިއަދު ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއެ) އަކީ ދުނިޔޭގެ އެއްމެ ބޮޑެތި މަތިންދާ ބޯއްޓުތަށް ޖައްސާ ފެންވަރު ރަނގަޅު ބޮޑު ރަންވޭއެއް އޮތް ތަނެކެވެ. ބައިނަލްއަޤްވާމީ އެހެން އެއާޕޯޓްތަކުން ދެމުންދާ ފެންވަރުގެ ޚިދުމަތްތައް ލިބޭމުންދާ ހިތްގައިމު އެއާޕޯޓެކެވެ.  ފްރެންޗައިޒް ބްރޭންޑްތަކުގެ އައުޓްލެޓްތަކަށް ޚާއްސަކޮށް އިމާރާތެއް ހުރި ހިދުމަތް ފުޅާ، ދުނިޔޭގައި ނަން ހިނގާ ތަނެކެވެ. ވީއައިއޭގެ ބޮޑެތި ފާލަންތައް "ވާ.. ވާ.." އޭ ބުނާހާ ޗާލުވެފައި ފުރިހަމައެވެ.

މިވަރުގެ ފެންވަރު ހުރި ތަނެއްގައި ބޮޑުމީހަކު ހުރެންގެން އަދި އުޅޭތީ އަޅުގަނޑު ހައިރާނެއް ނުވެއެވެ. އަދިވެސް ބުނަމެވެ. "ހުޅުލޭ ބޮޑުމީހާ" އަބަދުވެސް އުޅެއެވެ. މިހާރެވެސް އުޅެއެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް